ކޮވިޑް-19ގެ ވެކްސިން ގައުމުތަކަށް ބޭނުންވާ ވަރަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މި ބިރު ބޮޑުވެފައިވަނީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގައި އުފައްދާ ވެކްސިން އެ އިއްތިހާދުން ބޭރު ގައުމުތަކަށް ފޯރުކޮށްދިނުމުގެ ކުރިން އެންގުމަށް އިއްތިހާދުގެ ހެލްތް ކޮމިޝަނަރ އެންގުމާއި ގުޅިގެންނެވެ.
ހެލްތް ކޮމިޝަނަރ ސްޓެއްލޭ ކިއުރާކީޑެސް މިފަދަ އެންގުމެއް އަންގައިފައި މިވަނީ ކޮވިޑް-19ގެ އެންމެ ކާމިޔާބު ދެ ވެކްސިން ކަމަށްވާ ފައިޒާ ވެކްސިނާއި އަދި އަސްޓްރަޒެނެކާ ވެކްސިން އުފައްދާ ކުންފުނި ތަކުން އެ ވެކްސިން އުފެއްދުމުގައި މައްސަލަތަކެއް ކުރިމަތިވެ ވެކްސިން އުފައްދަން ކަނޑައެޅި މިންވަރަށް އުފައްދަން ގިނަ ދުވަސް ނަގައިފާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
ކިއުރާކީޑެސް ވެކްސިން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބުނެފައިވަނީ، ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގައި އުފައްދާ ވެކްސިން އިއްތިހާދުން ބޭރުގެ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ކުރިން ކުންފުނިތަކުން އެކަން އަންގަން ޖެހޭނެ ކަމަށާއި އިއްތިހާދުގެ ގައުމުތަކުގެ ރައްޔިތުންގެ ހިމާޔަތުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި މިއީ ވިލާތުގެ އިއްތިހާދަށް އިސްކަން ދިނުން ނޫން ކަމަށާއި ނަމަވެސް، ވިލާތުގެ އިއްތިހާދަށް ހައްގުވާ މިންވަރު ލިބިގަތުން ކަމަށެވެ.
އަސްޓްރަޒެނެކާ ވެކްސިން މައިގަނޑު ގޮތެއްގައި އިނގިރޭސިވިލާތުގައި އުފައްދާއިރު ފައިޒާ ވެކްސިން އުފައްދަމުންދަނީ ބެލްޖިއަމުގައި ހުއްނަ ޕްލާންޓުތަކުގައެވެ. ވިލާތުގެ އިއްތިހާދުން ޑިމާންޑް ކުރަމުންދަނީ އެ އިއްތިހާދުގެ ގައުމުތަކަށް އިސްކަން ނުދީ ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކަށް އިސްކަންދީގެން ނުވާނެ ކަމަށެވެ.
ވެކްސިން ހޯދުމުގައި ގައުމުތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު އިނގިރޭސިވިލާތުން ބުނެފައިވަނީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށް ނުދެވޭހާ ހިނދަކު ކޮވިޑް-19 އިން ރައްކާތެރިކަމެއް ނެއްކަމަށެވެ.