ފައިޒާ ވެކްސިންގެ އިތުރު 100،000 ޑޯޒު ރާއްޖެ ގެނެސްފި އެވެ.
ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރި 100،620 ޑޯޒުގެ ފައިޒާ ވެކްސިން މިހާރު ވަނީ ލިބިފައި ކަމަށެވެ.
ފައިޒާގެ އިތުރު ޝިޕްމެންޓެއް ރާއްޖެ ގެނެސްފައި މިވަނީ، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒު ޖެހުމަށް އިލްތިމާސް ކުރުމާއެކު، ބޫސްޓާ ޑޯޒު ޖެހުމުގެ މަސައްކަތް ރާއްޖޭގައިވެސް ފަށައިފައި ވަނިކޮށެވެ.
އޭގެ އިތުރުން ކޮވިޑްގެ އާ ވޭރިއަންޓް، އޮޮމިކްރޮން ރާއްޖެއިންވެސް ފެނުމާއެކު، އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޖެހުމުގެ ޕްރޮގްރާމެއް މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވައިފަ އެވެ. ނަމަވެސް މި މަސައްކަތް ނުފެށި އޮތީ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓް ލިބުން ދަތިވާތީކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭން ފަށައިފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. މި ވެކްސިންގެ ބޫސްޓާ ޑޯޒު ރާއްޖޭގައި ފުރަތަމަ ދީފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.
ނަމަވެސް މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒު ޖަހަން ވަނީ ފަށައިފައެވެ.