ކޯވިޑް-19 ގެ ސަބަބުން މާލޭގައި އުޅެން ދަތިވާ ފަރާތްތަކުގެ ތެރެއިން އާއިލާއާއެކު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް ޖެންޑަރ މިނިސްޓަރ ޑރ.އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ފެސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ މިއުނދަގޫ ހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު މިހާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
އެގޮތުން އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19 ގެ މިހާލަތުގައި ޖެންޑަރ މިނިސްޓްރީން އަންނަނީ އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިލާ ފަރާތްތަކައެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓު ކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ޖެންޑަރ މިނިސްޓްރީ އިން ވަނީ ފޯރުކޮށްދެއްވާފައެވެ.
މީގެކުރިން ކޮވިޑް-19 ގައި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ރަށްރަށުގައި ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ކެއަރ ޕެކޭޖަސް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ފޮނުވާފައެވެ.




ހިޔާލު
ކޮން އެހީއެއް ދެނީ?