އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ށ.ފުނަދޫ "އަމާން ވެށި"އަށް މިއަދު ބަދަލުކޮށްފިއެވެ.
މީގެ ކުރިން ހުސްވި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށި އަމާން ވެއްޓަށް ބަދަލުކޮށްފައެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު ރަޝީދުކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ނަމަވެސް ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެނެދަންޖެހޭކަމަށް ޖެންދާރ މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ށ.ފުނަދޫ އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭ މި ފަދަ ދެވަނަ ތަންކަމަށާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޓްރާންސް މޯލްޑިވިއަން އެއަރވޭސްއާއި ސަންފްރަންޓް ލިވިންގެ ފަރާތުން ގެންދަވަނީ މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުންަމަށެވެ.
ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް ޢާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު އާދެއެވެ.
އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައިކަމަށާއި، އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައިކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންކަމުން، އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެކަމަށެވެ.
ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީކުރަމުންނެވެ.



