"ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ ވާޗުއަލް ޓްރޭނިން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޓްރޭނިން ޕްރޮގުރާމް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. މި ޓްރެއިނިންގައި އަތޮޅުތެރޭގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފް.ސީ.އެސް.ސީ) ތަކުން 33 މުވައްޒަފުން ބައިވެރިވި އެވެ.
މި ޕްރޮގްރާމް ފައްޓްވައިދެއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މުޖުތަމައުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުން ނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންނަށް ވެސް މި މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށާއި އަދި މިކަން ކުރެވޭނެެ އީޖާދީ ގޮތްތައް ހޯދައި، ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެފް.ސީ.އެސް.ސީން ކުރާ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރެވޭތޯ ބަލަން ޖެހޭކަމަށެވެ.
އިއްޔެ ފެށި މިޕްރޮގުރާމްގެ މަގުސަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ އަތޮޅުތެރޭގައި މިފަދަ ޕްރޮގުރާމްތައް ހިންގާނެ މުވައްޒަފުން ބިނާ ކުރުން ކަމަށް އެ ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
'ގެވެށި ގުޅުން' ކެމެޕޭން އިފްތިތާހް ކުރެއްވީ މިދިޔަ ޖުލައި މަހުތެރޭގައެވެ. އަދި މިކެމްޕޭނަކީ ތިން މަހަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.