ގއ. ވިލިނގިލިން ކުޑަކުއްޖަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ވިލިނގިލި ކައުންސިލްގެ މެންބަރު ޙަބީބު ޙަސަން ފެށުމަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ. އަދި އެއީ މާލެއިން ހޯމް ކަރަންޓީނަށް އައި ކުއްޖެއްކަމަށާއި، އެއަތޮޅުގައި ފެތުރެމުންދާ ކޮވިޑްގެ ކްލަސްޓާރއާއ އެކުއްޖާއާއި ގުޅުމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެކުއްޖާ ޕޮޒިޓިވްވެފައިވަނީ އޭނާގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމުން، ކޮވިޑް-19 އަށް ޓެސްޓުކުރުމުންކަމަށްވެސް ވިދާޅުވިއެވެ.
އެކުއްޖާ ކަރަންޓީނުގައި ހުރީ އެކުއްޖާގެ މަންމައާއެކުގައެވެ.
މީގެކުރިންވެސް ވިލިނގިލިން ކޮވިޑު-19 ފެނިފައިވާއިރު، އެފަހަރު ޕޮޒިޓިވްވެފައިވަނީ ވިލިގިނލީގައި ހުންނަ ގއ. އަތޮޅު މަދަރުސާގައި ކިޔަވާ ދެ ދަރިވަރަކެވެ.
ގއ. އަތޮޅުން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެއަތޮޅު ދެއްވަދޫއިންނެވެ. ދެއްވަދޫއިން ފުރަތަމަ ކޭސް ފެނިފައިވަނީ ނުބައި މަޢުލޫމާތެއް ދެވިގެން އެރަށުގައި ކަރަންޓީނުގައި ހުރި ފަރާތްތަކެއް ދޫވެގެންނެވެ. އަދި ދެއްވަދޫގެ އެކޭސްއާއި ގުޅިގެން އެއަތޮޅުގެ އެހެން ރަށްތަކުންވެސް ކޮވިޑް-19 ގެ އިތުރު ކޭސްތައްވަނީ ފެނިފައެވެ.




