ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް މުވައްޒަފުން ހުކުރު ދުވަހުން ފެށިގެން ސިވިލް ސަރވިސް މަގާމުން ސަސްޕެންޑްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.
ހު، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވަންޓުން މާދަމާއިން (ހުކުރު ދުވަހުން) ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އަދި އެފަދަ ކެންޑިޑޭޓުންނަށް އެކަން އަންގަންވާނެ ކަމަށްވެސް ހަބީބު ވިދާޅުވެފައިވެއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، ނަން އަނބުރާ ގެންގޮސްފިނަމަ، ވަޒީފާ ރުޖޫޢަވެވޭނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް އެ ހުކުމެއް ނުހިނގާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ.
އެކަން @cscmaldives އިން އެބޭފުޅަކަށް އަންގަވާނެ.
ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ.
އ.ތ.މ ކޮމިޓީ އަށް މި ޙުކުމެއް ނުހިނގާނެ. @ElectionsMv— Ismail Habeeb (@IsmailHabeeb) January 28, 2021
އިލެކްޝަންސް ކޮމިޝަނުން ވަނީ، ކޮވިޑް-19 އާގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭފްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފަ އެވެ.
								
											

