ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އިން ނަން އަނބުރާ ނެގޭނެ ފަހު ތާރީޚަކީ ފެބްރުއަރީ 11 ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަ ޖައްސައިފިއެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވިފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އޭގެފަހުން ގިނަ ދުވަސްތަކަށް އިންތިޚާބު ފަސްކޮށްފައިވާއިރު، މިދިޔަ މުއްދަތުގައި 100 އަށްވުރެ ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ނަގާފައެވެ.
ނަން އަނބުރާ ނަގާފައިވާ ކެނޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ 78 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާއިިރު، އިދިކޮޅު ޕީޕީއެމްގެ 20 ކެންޑިޑޭޓަކުވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އިން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ މުއްދަތު 2021 ފެބްރުއަރީ 11 ގެ 14:00 އަށް ހަމަވާގޮތަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ފަށާފައިވާކަމަށް ވިދާޅުވެފައިވާއިރު، ރަށްވެހިކަން ނުވަތަ އެޑްރސް ބަދަލުކުރުން ބޭނުންވާ ފަރާތްތަކުން 2021 ފެބްރުއަރީ 08 ގެ ކުރިން ރަށްވެހިކަން ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށްވެސް އިލެކްޝަންސް ކޮމިޝަންއިން އިލްތިމާސްކޮށްފައި ވެއެވެ.
— Elections Commission (@ElectionsMv) January 28, 2021
އިލެކްޝަންސް ކޮމިޝަނުން ވަނީ، ކޮވިޑް-19 އާގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭފްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.



