އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބަޖެޓު ދެގުނައަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިއީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ގެންނެވި މުހިންމު ދެ ބަދަލުގެ ތެރެއިން އެއް ބަދަލެވެ.
މި ނިންމެވުމާ އެކު، ކައުންސިލްތަކުގެ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިން ދެމުން އައި 5 އިންސައްތަ، 10 އިންސައްތައަށް އިތުރުކުރެވިގެންދާނެއެވެ. އަދި ދެވަނަ ބަދަލެއްގެ ގޮތުގައި، މި ކޮމެޓީތަކުގެ މެންބަރުންނަށް ދެމުންދިޔަ ރަމަޟާން މަހުގެ އެލަވަންސް، ކޮމެޓީގެ ބަޖެޓުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މި ގޮތުން، މިއަހަރުގެ ރަމަޟާން މަހުގައި ފުރަތަމަ ފަހަރަށް ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދެއްވުމަށް ނިންމެވުމާއެކު، އެ ކޮމެޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސް ރަސްމީ މުސާރައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
މާލީ ވުޒާރާއިން އެކުލަވާލާފައިވާ ޓައިމްލައިންގެ ދަށުން، 2026 ވަނަ އަހަރުގެ ބަޖެޓު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޯބަރު އާއި 23 އޮކްޓޯބަރު އާ ދެމެދުގައެވެ. އަދި އޮކްޓޯބަރު 30 ގައި ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން، ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތަފްސީލްތައް މި މަހުގެ 18 ގެ ކުރިން މާލީ ވުޒާރާއަށް ހިއްސާކުރަންޖެހެއެވެ.
 
								
 
											
 
								 
								 
								
 
														 
														
 
														 
														 
														 
														 
														 
														