އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19ގެ ވެކްސިނެއް ކަމަށްވާ އެސްޓުރަޒެނަކާ ނުދިނުމަށް ޖަރުމަނުގެ ވެކްސިން ކޮމެޓީއިން ނިންމައިފިއެވެ.
ޖަރުމަނުގެ ވެކްސިން ކޮމެޓީއިން މިގޮތަށް ނިންމައިފައިވަނީ، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އެސްޓުރަޒެނަކާ ވެކްސިން ދިނުން ރައްކާތެރިކަމަށް ކަނޑައެޅޭނެ މިންވަރަށް މައުލޫމާތު ލިބިފައި ނުވާތީ ކަމަށެވެ.
މި ވެކްސިން ވިލާތު އިއްތިހާދުގެ ގައުމުތަކުގައި ދިނުމާއި ގުޅޭ ގޮތުން އެ އިއްތިހާދުގެ މެޑިސިންސް އެޖެންސީ އިން ގޮތެއް ނިންމާނީ މާދަމާގެ ވަގުތެއްގައެވެ. އިނގިރޭސިވިލާތުން މި ވެކްސިން ބޭނުން ކުރަމުން އަންނަތާ މިހާރުވަނީ އެތައް ހަފުތާތަކެއް ފާއިތުވެގެން ގޮސްފައެވެ.
އިނގިރޭސިވިލާތުގެ އިމިއުނިޒޭޝަންސް އަޓް ޕަބްލިކް ހެލްތުގެ އެންމެ އިސްވެރިޔާ ޑރ. މޭރީ ރަމްސޭ ވިދާޅުވެފައިވަނީ، އެސްޓުރަޒެނަކާ ވެކްސިނާއި އަދި ފައިޒާ ވެކްސިނަކީ ރައްކާތެރި އަދި ކޮވިޑް-19 އިން ރައްކާތެރިކަން ފޯރުކޮށްދޭ ކާމިޔާބު ދެ ވެކްސިން ކަމަށެވެ. މީގއިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ ޖަރުމަނުގެ ނިންމުމާއި ގުޅިގެން ކަނބޮޑުވެ ނުލައްވާ ކަމަށެވެ.
ޖަރުމަނުގެ ވެކްސިން ކޮމެޓީއިން އެސްޓުރަޒެނަކާ ވެކްސިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ނިންމައިފައި މިވަނީ ވެކްސިން އުފައްދާ ކުންފުނިތަކާއި ވިލާތުގެ އިއްތިހާދާއި ދެމެދު ވެކްސިން ފޯރު ކުރުމުގެ މައްސަލައިގައި ދެބަސްވުންތަކެއް އުފެދިފައި ވަނިކޮށެވެ. ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން އުފެއްދުމުގައި މައްސަލަ ދިމާވެ ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން ހާމަކޮށްފައިވާއިރު ވިލާތުގެ އިއްތިހާދުން މިހާރުވަނީ އެ ކުންފުނިތަކުން އިއްތިހާދުގެ ގައުމުތަކުގައި އުފައްދާ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ ކުރިން އެނގުމަށް ކުންފުނިތަކަށް އަންގައިފައެވެ.