ލަންކާގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް

އަވަށްޓެރި ސްރީ ލަންލާގައި، ކޮވިޑް-19 އާ ދެކޮޅަށް ވެސްކިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ. އެޤައުމުގައި ވެކްސިން ދިނުމުގެ ކަންތައްތައް ފަށާފައިވަނީ މިއަދުއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އެޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ނިންމާފައިވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، އަސްކަރިއްޔާގައި މަސައްކަތް ކުރާ ފަރާތްތައް އަދި ފުލުހުންހެ ގަޔަށްކަމަށެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި މިއަދު ވެކްސިން ދިނުމުގެ ހަރަކާތްތައް ފަށާފައިވާއިރު، އެސަރަޙައްދުގައި ހިންގާ ސަރުކާރުގެ ހަ ހޮސްޕިޓަލެއްގަޔާއި އަސްކަރިއްޔާގެ ދެ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ދަނީ ކުރިއަށް ގެންދަމުންނެވެ. ހަމައެހެންމެ، އަންނަ ހަފްތާގެ ތެރޭގައި ލަންކާގެ އެހެން ސަރަޙައްދުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފުޅާކުރުމަށް ނިންމާފައިވާކަމަށްވެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

އެޤައުމުގައިވެސް ޖަހަމުންދަނީ އިންޑިޔާ އިން ހަދިޔާކޮށްފައިވާ، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދަމުން ގެންދާ ކޮވިޝީލްޑް ވެކްސިން އެވެ. މި ވެކްސިންގެ ބައި މިލިއަން ޑޯޒް، އިންޑިޔާ އިން ލަންކާއާ ހަވާލުކޮށްފައިވާއިރު، މި ތަކެއްޗާ ލަންކާގެ ފަރާތުން ހަވާލުވެލައްވާފައިވަނީ ރައީސް ގޯތާބަޔާ ރާޖަޕަކްސަ އެވެ.

ލަންކާ އިން، މި ވެކްސިން އަށް މިދިޔަ ހަފްތާގެ ތެރޭގައި ހުއްދަ ދީފައިވާއިރު، ޗައިނާގެ ފަރާތުންވެސް ލަންކާ އަށް ތިން ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށް ލަންކާގެ ރައީސްގެ އިސް އެޑްވައިޒަރު ލަލިތު ވީރަތުންގަ ވިދާޅުވެފައިވެއެވެ.

ދުނިޔޭގައި ދެވަނައަށް ކޮވިޑުގެ އެންމެ ގިނަ ކޭސް ފެނިފައިވާ އިންޑިޔާ އިން ވަނީ އެޤައުމުގެ އަވަށްޓެރި ވަރަށް ގިނަ ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރައްވާފައެވެ. އޭގެތެރޭގައި ރާއްޖެއާއި ލަންކާގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި މޮރިޝަސް ހިމެނެއެވެ. އަފްޣާނިސްތާނަށްވެސް މި ވެކްސިން ހަދިޔާ ކުރަން އިންޑިޔާ އިން ނިންމާފައިވާކަމަށް މީޑިޔާތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ