މެލޭރިއާ ޖައްސާ އައު ވައްތެރެއްގެ މަދިރިއެއް ފެނިފައިވާކަމަށާއި، އަލަށް ފެނުނު ވައްތަރުގެ މަދިރި ވަރަށް ގިނަ އަދަދަކަށް އުޅެމުންދާކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ސައިންސްވެރިން ހާމަކޮށްފައިވާގޮތުގައި އަލަށް ފެނުނު މި ބާވަތުގެ މަދިރި އުޅެމުންދަނީ އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައެވެ.
ނެދަރލެންޑުގެ ރަޑްބޫޑް ޔުނިވާސިޓީގެ މެޑިކަލް ސެންޓަރާއި އިތިއޯޕިޔާގެ އާރމައޯ ހެންސެން ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބުނެފައިވާގޮތުގައި އަލަށް ފެނުނު އެނޯފެލިސް ސްޓެފެންސީގެ މަދިރި ފަނި ވަރަށް ގިނަ އަދަދަކަށް މިހާރު އެފްރިކާގެ އެކި ސަރަޙައްދުތަކުން ވަނީ ފެނިފައެވެ. އަދި މި ވައްތަރުގެ މަދިރީގެ ސަބަބުން މެލޭރިޔާގެ އެހެން ސްޓްރެއިންތައް އުފެދި ފެތުރުމުގެ ކަންބޮޑުވުން ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ.
ކުރިން އެފްރިކާގައިވެސް މެލޭރިޔާގެ ނުރައްކާތެރިކަން އެންމެ ބޮޑީ ރަށްފުށުގެ ސަރަޙައްދުތަކުގައެވެ. އެހެންނަމަވެސް، މިހާރު އާބަން ސަރަޙައްދުތަކުގެ ވޯޓަރ ބޮޑީތަކުގައިވެސް މި ބާވަތުގެ މަދިރި ފަނި އުޅެމުންދާކަމަށްވެއެވެ.
އިމާޖިން އިންފެކްޝަސް ޑިސީސަސް ޖާނަލްގައި މި ހަފްތާގެ ތެރޭގައި ޝާއިއުކުރި ލިޔުމެއްގައި ސައިންސްވެރިން މިކަން ފާހަގަކޮށްގައިވާއިރު، މި ބާވަތުގެ މަދިރި ނައްތާލުމަށްޓަކައި އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
މެލޭރިއާ އަކީ އަންހެން އެނޯފިލިސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. 2019 ވަނަ އަހަރު އެކަނިވެސް މި ބަލި ޖެހިގެން މުޅި ދުނިޔޭން 409،000 މީހުން މަރުވެފައިވެއެވެ. ދުނިޔެއިން ރިޕޯޓުކުރާ މެލޭރިއާގެ ކޭސްތަކުގެ 94 އިންސައްތަ ރިޕޯޓުކުރަނީ އެފްރިކާ ބައްރުންނެވެ.




