އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ މަގުމަތީގައި ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާ ކަމުގެ ޝަކުވާ ލިބެމުންދާތީވެ، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، 29 ޖަނަވަރީ 2021 ވަނަ ދުވަހު "އިންސާފު ކޮބާ؟" މި ނަމުގައި ކުރިއަށްދިޔަ މުޒާހަރާއެއް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ހިވާކަމުގެ ޝަކުވާ މީޑިއާ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ވަނީ ހުށަހަޅާފައި ކަމަށެވެ.
އެގޮތުން، ޗެނަލް 13 ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަމާޙު، ޗެނަލް 13 ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ (ބްރޯޑްކާސްޓިންގ) އަދި ޗެނަލް 13 ގެ ނިއުސް ހެޑް، މަރިޔަމް އިސާދާ އިސްމާއީލް އަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މީޑިއާ ކައުންސިލަށް ލިބިފައިވާތީ، މި ކައުންސިލުން އެކަން ކުއްވެރިކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ މީޑިއާ ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން، އިސްވެ ދެންނެވުނު މުޒާހަރާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މީޑިއާ ކައުންސިލުންވަނީ ގޮވާލާފައެވެ.
Press Release@PoliceMv @NIC_Maldives pic.twitter.com/XCc66LsH82
— Maldives Media Council (@mmc_mv) January 30, 2021



