މިމަހުގެ 23ގެ ފަހުން ކާފިއު ގަޑީގައި ނޫސްވެރިން ބޭނުންކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ފާހަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުޅުވާލައިފިއެވެ.
މީޑިޔާ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ނިންމި ކަންތަކާ ގުޅޭ މަޢުލޫމާތު ހާމަކުރަމަށްފަހު އެވެ.
މި ބައްދަލުވުމުގައިވަނީ މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުތުމާއި ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި ނޫސްވެރިން މިހާރުވެސް ބޭނުން ކުރަމުންދާ މީޑިއާ ފާސް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމާފައެވެ.
މިމަހުގެ 23ގެ ފަހުން ނޫސްވެރިން ބޭނުން ކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާއިރު މިކަމަށް ޚާއްސަ އިޖުރާއަތްތަކެއް ކަނޑައެޅުމަށް މީޑިއާ ކައުންސިލްއިންވަނީ ނިންމާފައެވެ.
މީޑިޔާ ކައުންސިލުންވަނީ ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް އެއްބާރުލުން ދިނުމަށް ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފާހަކީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ދޫކުރާ ފާހަކަށް ވާއިރު ނަހަމަ ގޮތުގައި ފާހުގެ ބޭނުން ނުކުރުމަށްވެސް މީޑިއާ ކައުންސިލުންވަނީ ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.
ވީމާ މަތީގައި ދެންނެވުނު ފާސް ހޯދުމަށްޓަކައި މީޑިއާތަކުން ކަނޑައަޅުއްވާ ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ ނޫސްވެރިންގެ މައުލޫމާތު މިމަހުގެ 20 ވަނަ ދުވަހުގެ 12:00ގެ ކުރިން މީޑިއާ ކައުންސިލަށް ފޮނުމުވަށް އެދިލައްވާ ކަމަށް އެކައުންސިލުން ބުނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެކައުންސިލުން ވިދާޅުވިއެވެ.
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނާތީ އެޗްޕީއޭގެ ފަރާތުންވަނީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އެގޮތުން އިރުއޮއްސި 6 އިން ފެށިގެން ފަތިހު 6 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާއި ހަމައަށް މަގު މައްޗަށް ނުކުތުމާއި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.



