މާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމަށް، މާލޭ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންގް ޒޯންތައް ކުއްޔަން ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިޢުލާނެއްގައި ވިދާޅުވެފައި ވަނީ އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން މިބުރުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަތަށް ވިއްކުމަށް ހަމަޖައްސާފައިވަނީ 292 ޖާގަކަމަށެވެ. މި ޒޯނުން ޖާގަ ދޫކުރަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހުރުގެ ތެރެއިން ކާރަށާއި އަދި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށެވެ.
މިފަހަރު ޖާގަ ދޫކުރަނީ އެމަގާގުޅިފައިވާ 13 ގޯޅިއާއި މަގަކުންނެވެ. އެއީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަދަރާދަ ހިނގުމާއި، ކޮއިމަލާ ހިނގުމާއި، ރެހެންދި ހިނގުމާއި، ރަށްދެބައި ހިނގުމާއި، އައިމިނާ ރަނި ހިނގުމާއި، ވައިދެއި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުލާއި، ހުދުފަޅު ހިނގުމާއި، ހިލާލީ މަގާއި، އުޖާލާ ހިނގުމުންނެވެ.
މަގުމަތިން ވިއްކާ ޕާކިންގް ސްލޮޓެއްގެ އަގަކީ މަހަކު 1500.00 ޔުފިޔާއެވެ. ކައުންސިލުން ހުޅުވާލެވޭ ޕާކިންގް ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތަން ހުސްވަންދެނެވެ. ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަނދަށް އެކަނިކަމަށާއި ބަދަލުގައި އެހެން އުޅަނދެއް ޕާކެއް ނުކުރެވޭނެކަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލްގެ ޕާކިންގް ސްލޮޓްތަކަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށައަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި، ވެރިފަރާތްނޫން އެެހެންފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުތް ހުރަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުން، ރޯޑް ވާދިނަސް އަދި އަހަރީ ޕީގެ ލިޔުންތައް ހުރަހެޅުމާ، އިންޝުއަރެންސް ލިޔުން ހުށުހެޅުން ހިމެނެއެވެ.
އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގް ސްލޮޓްތައް ގަތުމަށް ހުށަހަޅާނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ "ޕާކިންގް ޕޯޓަލް" މެދުވެރިކޮށެވެ. ޕާކިންގެ ޕޯޓަލް ވަނީ ސިޓީ ކައުންސިލްގެ ވެބްސައިޓްއާއި ގުޅުވާފައެވެ.
ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. މި ގަޑިން ފެށިގެން ޖާގަތަށް ހުސްވަންދެން ހުށައަޅަމުން ގެންދެވޭނެކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މަލޭ ސިޓީ ކައުންސިލުން ވިދާޅުވީ ޖާގައަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތާއި ހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ޕޯޓަލްގައި ހިމަނާފައިވާނެކަމަށާއި ޕާކިންގެ ޕޯޓަލްގައި މިހާރުވެސް ރަޖިސްޓްރީކުރެވޭނެކަމަށެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތަކަށް ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް، "ޓައިމް ޕާކިންގް" ސްލޮޓްތައް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން މީހާތަނަށްވަނީ 3 ސަރަޙައްދަކުން ޕާކިންގް ޖާގަ ދޫކޮއްފައެވެ. އެއީ ދަންޑަހިލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަހައްދެވެ.



