ކާމިޔާބު 20 ސީޒަނަށް ފަހު، މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް" ކާޑޭޝިއަން ނިއްމާލާއިރު، މި ޝޯގެ އެންމެ ފަހު ސީޒަން ދައްކަން ފަށާނީ މި މަހު މާޗުގައި ކަން އިއުލާންކޮށްފިއެވެ.
ފަހު ސީޒަންގެ ކުޑަ ޓްރެއިލާއަކާއެކު، ފަހު ސީޒަން ޕްރީމިއާ ކުރާ ތާރީހަކީ މާޗު 18 ކަން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
އަސަރުގަދަ މި ޓްރެއިލާކޮޅުން ކާޑިޝިއަން އާއިލާ މެންބަރުންގެ ވަރަށް އަސަރާއެކު މިއީ އެންމެ ފަހު ސީޒަންކަން ފޭނުންނަށް ބުނެދެއެވެ.
ކާމިޔާބު 20 ސީޒަނަށް ފަހު، މި ޝޯ ނިއްމާލަން އުޅޭކަން އެ އާއިލާއިން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ.
ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކަމުގައިވާ ކާޑޭޝިއަން-ޖެނާގެ އާއިލާ އާއި ބެހޭގޮތުން، އަންނަ ރިއަލިޓީ ޝޯ، “ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް" އަކީ، އެ އާއިލާގެ މެންބަރުން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ވުމުގެ އަސްލެވެ.
14 އަހަރުވަންދެން މަޤުބޫލުކަމަށް ފަނޑުކަމެއް ނައިސް ކުރިއަށް ގެންދިޔަ މި ޝޯ ނިއްމާލަން ކާޑޭޝިއަންސް-ޖެނާ އާއިލާއިން ނިއްމިއިރު، އާއިލާއިން ބުނީ، ޝޯ ނިއްމާލަން ނިއްމާފައިވަނީ، މި ޝޯ ހިންގާތާ އެހާގިނަދުވަސްވުމުން އެންމެންނަށް ބުރަކަން އިހްސާސްވާތީކަމަށެވެ. އަދި މިއީ ޝޯ ނިއްމާލަން އެންމެ ރަނގަޅު ވަގުތުކަމަށް ފެންނާތީކަމަށެވެ.



