ކާމިޔާބު 20 ސީޒަނަށް ފަހު، މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް" ކާޑޭޝިއަން ނިއްމާލަން އުޅޭކަން އިއުލާންކުރީ އިއްޔެއެވެ. މި ޙަބަރާއެކު މި ޝޯގެ ފޭނުންނަށް ލިބިގެންދިޔައީ ފުން ހިތާމައެކެވެ.
ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކަމުގައިވާ ކާޑޭޝިއަން-ޖެނާގެ އާއިލާ އާއި ބެހޭގޮތުން، އަންނަ ރިއަލިޓީ ޝޯ، “ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް" އަކީ، އެ އާއިލާގެ މެންބަރުން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ވުމުގެ އަސްލެވެ.
14 އަހަރުވަންދެން މަޤުބޫލުކަމަށް ފަނޑުކަމެއް ނައިސް ކުރިއަށް ގެންދިޔަ މި ޝޯ ނިއްމާލަން ކާޑޭޝިއަންސް-ޖެނާ އާއިލާއިން ނިއްމިއިރު، މި ޝޯގެ ފަހު ސީޒަން ދައްކާނީ އަންނަ އަހަރުއެވެ. އެގޮތުން އަންނަ އަހަރު އަޅުވާ އެ ޝޯގެ 21 ވަނަ ސީޒަން އަކީ ޝޯގެ ފަހު ސީޒަންއެވެ.
އާއިލާއިން ބުނީ، ޝޯ ނިއްމާލަން ނިއްމާފައިވަނީ، މި ޝޯ ހިންގާތާ އެހާގިނަދުވަސްވުމުން އެންމެންނަށް ބުރަކަން އިހްސާސްވާތީކަމަށެވެ. އަދި މިއީ ޝޯ ނިއްމާލަން އެންމެ ރަނގަޅު ވަގުތުކަމަށް ފެންނާތީކަމަށެވެ.
ޝޯ ނިއްމާލަން ނިއްމާފައިވާކަން މިދިޔަ އަންގާރަ ދުވަހު އެ އާއިލާއިން އިއުލާންކުރީ، ޝޯގައި ހިމެނޭ އާއިލާ ހުރިހާ މެންބަރު ސޮއި ކޮށްފައިވާ ޖޮއިންޓް ސްޓޭޓްމެންޓެއްގައެވެ. އެގޮތުން މިހާ ގިނަ ދުވަސްވަންދެން އެމީހުންގެ ދިރިއުޅުން ދައްކުވައިދޭ މި ޝޯ ބެލި އެންމެންނަށް އާއިލާއިން ޝުކުރު އަދާކޮށްފައިވެއެވެ.
“ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް” ގެ ފުރަތަމަ ސީޒަން ދައްކަން ފެށީ، 2007 ވަނަ އަހަރުއެވެ. އޭރު، މި އާއިލާގެ އެންމެ ހަގު ދެ ތަރިންކަމުގައިވާ، ކެންޑަލް ޖެނާ އަދި ކައިލީ ޖެނާ އަކީ ކުޑަ ކުދިންނެވެ. ކައިލީ ދުނިޔޭގެ އެންމެ ހަގު އަންހެން ބިލިއަނަރުންގެ ތެރޭގައި ހިމެނިގެންދިޔައިރު، މިއަދު ކައިލިއަކީ، އަންހެން ކުއްޖެއްގެ މަންމަވެސް މެއެވެ. އަދި "ކައިލީ"ގެ ނަމުގައި މަޝްހޫރު ކޮޮސްމެޓިކް ބްރޭންޑެއް ނެރެފައިވާއިރު، މިވަގުތު އެ އާއިލާގެ އެންމެ މަޤްބޫލު ތަރިއަކީވެސް ކައިލީއެވެ. މީގެ އިތުރުން ކެންޑެލް އަކީ، މިއަދު ދުނިޔޭގެ އެންމެ އުސް ހަރުފަތުގައި ހުރި މޮޑެލް އެކެވެ.
މި ޝޯ ފެށިއިރު، ޝޯގެ އެންމެ މަޝްހޫރު ތަރިންނަކީ، ކްރިސް އާއި އޭނަގެ ކުރިީގެ ފިރިމީހާއަށް ލިބިފައިވާ ތިން ދަރިން ކަމުގައިވާ، ކިމް ކާޑޭޝިއަން، ކޯޓްނީ ކާޑޭޝިއަން، އަދި ކްލޯއީ ކާޑޭޝިއަންއެވެ. މީގެ އިތުރުން މި ތިން މީހުންގެ ފިރިހެން ކޮއްކޮ ރޮބް ކާޑޭޭޝިއަންވެސް ފެނިގެންދިޔައެވެ.
މިއީ ކާޑޭޝިއަން އާއިލާގެ ސިއްރުތަކާއި، އަމިއްލަ ދިރިއުޅުން ވަރަށް ގާތުން ދައްކަައިދޭ ރިއަލިޓީ ޝޯއަކަށްވުމުން، އެއްބަނޑުއެއްބަފައި ތިން ދައްތައިންގެ މެދުގައި ކޮންމެ ދުވަހަކު ހިނގާ ކަންތައްތައް ޝޯއިން ދައްކުވައިދިނެވެ. އެގޮތުން މުޅި އާއިލާއަށް ދިމާވި އުފަލާއި، ހިތާމަވެރި ކަންތައްތައް މި ޝޯ މެދުވެރިކޮށް އާއްމުންނަށް ދައްކައިދިނެވެ.
ޝޯއިން ލިބުނު މަގުބޫލުކަމާއެކު މުޅި އާއިލާ ނުފޫޒުގަދަ ބަޔަކަށްވެގެންގޮސްފައިވާއިރު، މި މަޝްހޫރުކަމާއެކު އާއިލާގެ އެކި މެމްބަރުން ވަނީ ތަފާތު ބްރޭންޑުތައް އުފައްދާފައެވެ. އެގޮތުން އެންމެ މަގުބޫލީ، ކިމްއާއި ކައިލީގެ ކޮސްމެޓިކް ބްރޭންޑެވެ.



