ކޮވިޑް ކޭސްތައް އިތުރުވެ ޕޯޗުގަލް އިން އައިސީޔޫ އެނދު ހުސްވަނީ، ބާކީ އެންމެ ހަތް އެނދު!

ޕޯޗުގަލްގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެންނަމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު، މިހާރު އެޤައުމުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫތަކުގައި ހުރި އެނދުތައް ހުސްވާން ގާތްވެފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ޕޯޗުގަލްގެ މެއިންލޭންޑުގެ ހޮސްޕިޓަލުތަކުގައި ޖުމްލަ ހުރީ 850 އެނދެވެ. މީގެތެރެއިން 843 އެނދުގައި ބަލިމީހަކަށް ފަރުވާ ދެމުންދާއިރު، ބާކީ ހުރީ އެންމެ ހަތް އެނދެވެ. ދެން ހުރީ ކޮވިޑް ނޫން އެހެން ބަލިމީހުންނަށް ފަރުވާ ދޭން ހުރި އެނދުތަކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، އާބާދީގެ ނިސްބަތުން ބަލާއިރު ކޮވިޑްގެ އައު ކޭސްތައް އެންމެ އަވަސް މިނެއްގައި ފެންނަމުންދާ ޤައުމަކީ ޕޯޗުގަލް އެވެ. އެމްބިއުލާންސްތައްވެސް ހޮސްޕިޓަލްތަކުގެ ބޭރުގައި ކިއު ހަދާފައިވާއިރު، އެޤައުމުގެ ސިއްހީ ނިޒާމަށްވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ނުކުޅެދިފައެވެ.

މީގެއިތުރުންވެސް، ކޮވިޑްގައި އެޤައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވަމުން ދިއުމާ ގުޅިގެން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ފަރާތްތަކަށްވެސް ވަނީ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ހަމައެހެންމެ، ހޮސްޕިޓަލްތަކުގެ މޯޗަރީތައްވެސް ފުރި، ފިނިކޮށްފައިވާ ކޮންޓޭނަރުތަކުގައިވެސް ދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ރައްކާކުރަމުންނެވެ.

ޕޯޗުގީޒު ސަރުކާރުން ބުނާގޮތުގައި ކުއްލިއަކަށް އެޤައުމުގައި އަނެއްކާވެސް ކޭސްތައް އިތުރުވެފައި މިވަނީ ކްރިސްމަސްއާ ދިމާކޮށް ދިން ލުއިތަކުގެ ސަބަބުންނެވެ. އަދި އިނގިރޭސިވިލާތުން ފެނުނު އައު ވޭރިއަންޓްވެސް ޕޯޗުގަލް އިން ފެނިފައިވާކަމަށް ބުނެފައިވެއެވެ. އެފަރާތްތަކުން ބުނާގޮތުގައި އައު ވޭރިއަންޓް ފެތުރޭ މިންވަރު މާ ހަލުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ