ކޮވިޑާ ދެކޮޅަށް އީރާނުން އުފެއްދި ވެކްސިން ކާމިޔާބުކަމަށް ބުނެފި

ކޮވިޑް-19 އާ ދެކޮޅަށް އީރާނުން އަމިއްލައަށް އުފައްދާފައިވާ ވެކްސިން ކާމިޔާބުކަމަށާއި، އިނގިރޭސިވިލާތުން ފެނުން ކޮވިޑުގެ އައު ވޭރިއަންޓް އާ ދެކޮޅަށްވެސް މޮ ވެކްސިން މަސައްކަތްކުރާކަމަށް އެޤައުމުން ބުނެފިއެވެ.

އީރާނުގެ ރޫހާނީ ލީޑަރުގެ ބެލުމުގެ ދަށުގައި އޮންނަ "ސެޓާޑް" ނަމަކަށް ކިޔާ އިދާރާއަކުން މި ވެކްސިން ތަރައްގީކޮށް ޓެސްޓުކުރަމުންދާއިރު މި ވެކްސިނަށް ދީފައިވާ ނަމަކީ "ކޮވިރާން ބަރެކަތު" އެވެ.

ސެޓާޑުގެ ވެކްސިން އުފެއްދުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ޙަސަން ޖަލީލީ ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސިވިލާތުން ފެނުން ވޭރިއަންޓާއާ ދެކޮޅަށް މި ވެކްސިން ކާމިޔާބުކަމާއެކު މަސައްކަތްކުރާކަން ތަހުލީލުތަކުން ހާމަވެފައިވާކަމަށާއި، އެހެންކަމުން މިއީ ވަރަށް އުންމީދީ ކަމެއްކަމުގައެވެ.

އީރާނުން އުފެއްދި ވެކްސިންގެ ޓްރަޔަލް ފޭސްގައި އެންމެ ފުރަތަމަ ވެކްސިންގެ ޑޯޒް ދީފައިވަނީ ތިން މީހަކަށެވެ. އެއީ ސެޓާޑުގެ ވެރިޔާގެ ދަރިއަކަށާއި ސްޓާޑުގެ އިސް އެހެން ދެ ވެރިއަކަށެވެ. ސެޓާޑާ ގުޅުން އޮންނަ މީހުންނަށް ވެކްސިން ދީފައިވަނީ އާއްމުންގެ ހިތްތަކުކުގައި ޔަޤީންކަމާއި އިތުބާރު އުފެއްދުމުގެ ގޮތުންނެވެ. އޭގެފަހުން 32 މީހެއްގެ ގަޔަށް މަދުވެގެން މި ވެކްސިންގެ އެއް ޑޯޒްވަނީ ޖަހާފައެވެ. އެއް ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ފެބުރުއަރީ މަހުގެ ފަހުކޮޅު ދެވަނަ ޑޯޒް ޖަހާގޮތަށްވަނީ ހަމަޖައްސާފައެވެ.

ސެޓާޑުން ބުނާގޮތުގައި ކޮވިރާން ބެރެކާތު ވެކްސިންގެ އެކެއް ނުވަތަ ދެ މިލިއަން ޑޯޒް، މާރިޗު މަސް ނިމުމުގެ ކުރިން އުފެއްދުމަކީ އެފަރާތްތަކުގެ އަމާޒެވެ. އަދި އޭގެ ދެ މަސް ފަހުން އުފެއްދުންތެރިކަން ކުރިއަށް ޖައްސާލައި، 10 މިލިއަން ޑޯޒް އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައިވެއެވެ.

މި ނޫނަސް އީރާނުން އަމިއްލައަށް ކޮވިޑާ ދެކޮޅަށް ވެކްސިންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު، މި ވެކްސިންތައް ޖަހަން ލިބުމުގެ ކުރިން އެހެން ޤައުމުތަކުން އުފައްދާފައިވާ ވެކްސިންތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެޤައުމުން ބުނެއެވެ. އެއީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނާއި އެނޫންވެސް ނާޒުކު ފަރާތްތަކަށް ޖެހުމަށްކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ރަޝިޔާ އިން އުފައްދާފައިވާ ސްޕުޓްނިކް ވީ ވެކްސިން ހޯދުމަށް އީރާނުގެ ޚާރިޖީ ވަޒީރު ރަޝިޔާއާ މަޝްވަރާކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ދަށުންވެސް ވެކްސިން ހޯދުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ