25 އޮފިސަރުންނާއެކު ކަރެކްޝަންސް އިން ތަމްރީން ޕްރޮގްރާމެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” (ސީއެމްއެސްޕީ) ގެ 24 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ހަތަރު ސެމިސްޓާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. މި ޕްރޮގްރާމްގެ 24 ވަނަ ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 25 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްއަކީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ