ބީއެމްއެލްއިން 100 ކޭޝް އެޖެންޓުންނާއެކު ޑިޕޮސިޓް އަދި ޕޭމަންޓްގެ ޚިދުމަތް ފުޅާކުރަނީ

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަތްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ނިންމައިފިއެވެ.

ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއިރު، މި ހިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.

 

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމްކުރެވިގެން ދިޔުމާއެކު މި ހިދުމަތްވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ހިދުމަތަކަށްވެފައެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

ބީއެމްއެލްގެ ކަސްޓަމަރުން އެ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަރުތު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތް ހޯދެއެެވެ. މި ހިދުމަތަކީ ބީއެމްއެލް ގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ. މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ