ގްރޭޓަރ މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް އަލުން ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެޗްއީއޯސީ އިން ހާމަކުރައްވާފައިވާ ގޮތުގައި ކޮވިޑް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކުރިޔަށް އޮތް 14 ދުވަހުގެ މުއްދަތަށް ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. ނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި، އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް 14 ދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އަންގާފައެވެ. ހަމައެހެންމެ އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައި އޮތުމަށްފަހު އަލުން މިވަނީ ފިޔަވަޅުތަށް ކޮންމެވެސް ވަރަކަށް ހަރުކަށި ކޮށްފައެވެ.
ފިޔަވަޅުތަކަސް ބަދަލު ގެނެސްފައިވާއިރު އިއްޔެ ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައެވެ. މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.




