ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް ކޯވިޑް-19 ގެ ވެކްސިންދިނުން މާދަމާ (3 ފެބްރުއަރީ 2021) ގައި ފެށިގެންދާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، މިއުމުރު ފުރާގެ މީހުން ވެކްސިން ޖަހަން ދިއުމަށް ތަނާއި ގަޑި ކަނޑައަޅައި އެފަރާތްތަކަށް މި އޭޖެންސީގެ ފަރާތުން އަންގަމުން ގެންދާނެކަމަށެވެ.
މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ދެމުންގެންދާ ތަންތަނަކީ:
- ސޯޝަލް ސެންޓަރ
- އޭ.ޑީ.ކޭ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލް
- ސެނެހިޔާ
ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
އަދި ވީހާވެސް އަވަހަކަށް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އެޗްޕީއޭއިން އެދިލައްވާފައިވާއިރު، އެހީތެރިކަން ބޭނުންވާނަމަ 1676 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.