އެޗްޕީއޭގެ ޢުޞޫލްތަކަށް ބޯލެނބުމަށް ކުރީގެ ރައީސް މައުމޫނު ގޮވާލައްފައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޢުޞޫލްތަކަށް ބޯލެނބުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްފައިފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން މިއަދު ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، މައުމޫން ވިދާޅުވީ، މިބަލިން ރައްކާތެރވުމަށް ޢުޞޫލްތަކަށް ބޯލެނބުން ވަރަށް މުހިންމުކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު އެންމެން އަތުގުޅާލައިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން މިވަރުގަދަ ހަނގުރާމައިން ކާމިޔާބު ލިބޭނެކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް މަޢުމޫން އެދިލައްވާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކުރަން ސަރުކާރުން މިއަދުވަނީ ނިންމާފައެވެ. ހެލްތް ޕުރޮޓކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

އަދި އެޗްޕީއޭއިން ވަކިއެއްޗެއް އަންގަންދެން ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮންނަންވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޮވިޑްއިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅު ތަކަށް މިއަދު ބަދަލު ގެނެސްފައިވާއިރު އެޗްޕީއޭ އިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެފަރާތުން ވަކި އެއްޗެއް އަންގަންދެން ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުމަށާއި އަދި ޑޭކެއަރގެ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައްވެސް ހުއްޓާލުމަށް އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ