އަނެއްކާވެސް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާ ގޮތަށް ހަދައިފިއެވެ.
އިއްޔެ ރައީސް އޮފިހުން ނެރުނު ބަޔާނުގައި ހާމަކުރަށްވާފައިވާ ގޮތުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، 2021 ފެބުރުވަރީ 3 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަމަޖައްސަވައި، އެ ކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މި ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި ހަމަޖެއްސެވި އުޞޫލުގައި، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ހަމަޖައްސަވާފައިވާކަމަށެވެ.
އަދި މީގެ އިތުރުން އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައިގެން، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ސަމަަލުވުމަށް ވެސް ރައީސް އޮފީހުން އަންގަވާފައިވެއެވެ.
ހަމައެއާއެކު ސަރުކާރުގެ ހުރިހާ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރަން ވަނީ އަންގައިފި އެވެ.
އެގޮތުން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރާވަން ވަނީ އަންގަވައިފައެވެ.
އަދި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވަނީ އަންގަވާފައެވެ.
ސަރުކާރުން މިގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، އެޗް.ޕީ.އޭ.އިން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ ސަރުކާރުން އެދިލަައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައި އޮތުމަށްފަހު އަލުން މިވަނީ ފިޔަވަޅުތަށް ކޮންމެވެސް ވަރަކަށް ހަރުކަށި ކޮށްފައެވެ.
ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާއިރު އިއްޔެ ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައެވެ. މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށްވެސް އަންގައިފައި ވެއެވެ.



