ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަނެއްކާވެސް ކުޑަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، 03 ފެބްރުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.
ރެސްޓޯރެންޓްތައް މީގެ ކުރިން ހުޅުވާފައި ބަހެއްޓޭ ގަޑިއަކީ، ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ.
ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، ފިހާރަ އަދި ރެސްޓޯރެންޓްތައްވެސް މިއަދުން ފެށިގެން ހުޅުވާފައި ބަހެއްޓޭނެ ގަޑިއަކީ، ފަތިހު 5:00 އިން ރޭގަނޑު 10:30 ގައި ކަމަށް މިއަދު އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ފަހަކަށް އައިސް އިތުރުވެ، ހާލަތު ގޯސްވަމުން އަންނާތީވެ، އެޗްޕީއޭ އިން އިއްޔެ ވަނީ ކޮވިޑްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެެ.
އެގޮތުން އިތުރަށް ހަރުކަށި ކުރި ކޮވިޑް ފިޔަވަޅުތަކުގެ ތެރޭގައި،
- ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ
 - ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުން
 - ކުޅިވަރު ހަރަކާތްތަކާއި ޓީމު ހަރަކާތްތައް ހުއްޓާލުން
 - ޕާކުތަކާއި މައިދާންތަކަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލުން
 - ޔުނިވާސިޓީ/ ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން
 - ޕްރީ ސްކޫލްތަކާއި ޑޭކެއާ ސެންޓަރުތައް ބަންދު ކުރުން
 
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ވަނީ މި ފިޔަވަޅިތައް އިތުރަށް ވަރުގަދަކޮށް، އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.
								
											

