ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކޮވިޑް-19ގެ ވެކްސިންދޭން މާދަމާ ފަށާނެ ކަމަށް ޓުއުރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 4 ފެބްރުއަރީ އިން ފެށިގެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ކޮވިޑް-19 ގެ ވެކްސިން ދޭން ފަށާނެކަމަށެވެ.
ޓުއުރިޒަމް ސެކްޓަރގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހައިދިނުމުގެ ޙިދުމަތް އަވަސްކޮށްދިން ކަމަށްޓަކައި މިނިސްޓަރ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޝުކުރު ދަންނަވާފައެވެ.
#COVID19 vaccination for #Maldives tourism sector employees will start from 4 Feb. Thanks to HEP Solih @ibusolih for speeding up the vaccination of #tourism frontline team. With this initiative, #Maldives will top the leader board of World's safest destinations.#TogetherWeCan
— Abdulla Mausoom (@Mausoom_Maus) February 3, 2021
ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށުމާއެކު ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖެ ހިމެނޭނެކަމަށް މިނިސްޓަރގެ ޓްވިޓުގައި އިތުރަށް ވިދާޅުވިއެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފި އެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވުމަށް ޓުއުރިޒަމް މިނިސްޓްރީން އެދިފައިވެއެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެއެވެ. އަދި މި މައުލޫމާތު ފޮނުވާނީ [email protected] އަށެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10،000 ޑޯޒް ވެކްސިން ހާއްސަކޮށްފައިވާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.