ރައީސްގެ ދެކަނބަލުން ފައިމަގުގައި | ފޮޓޯ: ވަން އޮންލައިން

މަނާގަޑީގައި ރައީސްގެ ދެކަނބަލުންވެސް ފައިމަގުގައި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މާލޭގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާގަޑީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ފައިމަގުގައި ހިނގަވާ މިސާލު ދައްކަވައިފިއެވެ.

މިރޭ ގިނަ ބަޔަކަށް ރައީސްގެ ދެކަނބަލުން މަޖީދީ މަގުން ފައިމަގުގައި ވަޑައިގައްނަވާތަން ފެނިފައިވާއިރު އެ ވަގުތަކީ އަލަށް އެކުލަވާލައި ތަންފީޒުކުރަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއެކެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ރައީސް ދަތުރުކުރައްވާ އުޅަނދު ދަތުރު ކުރެއްވުމަށް މަނާ ގަޑިއެއް ނޫނެވެ.

ރައީސް އޮފީހުން މިކަމާއި ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މައުލޫމާތު ލިބޭގޮތުގައި ރައީސްގެ ދެކަނބަލުން ފައިމަގުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ އަށެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ހަށިފާރަވެރިން ފިޔަވައި އިތުރު މީހަކު ހަރަކާތްތެރިވާތަން ފެނިފައެއް ނުވެއެވެ.

ރައީސްގެ ދެކަނބަލުން ފައިމަގުގައި | ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވާން ފަށައި ބަލި ކޮންޓުރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަނެއްކައިވެސް އަޅައިފައިވާއިރު ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފެއެވެ. އެ ގަޑީގައި ވެހިކަލް ދުއްވޭނީ ހާއްސަ ހުއްދަ އޮންނަ މީހުންނަށް އެކަންޏެވެ.

ކޮވިޑް-19ގެ ގިނަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަނީ މިސާލު ދައްކަވަމުންނެވެ. މިގޮތުން ކޮވިޑް ވެކްސިން މިމަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ދޭންފަށައިފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނިވަޑައި ގައްނަވައެވެ.

މިލިޔުން ކިޔާލުމުން
531
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރަޝީދު

    ސަޅި????????????????????

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ