މާލޭ ވިޔަފާރި ބަނދަރު އެކްސިޑެންޓާއި ގުޅިގެން ބަޔަކު ސަސްޕެންޑު ކޮށްފި

ރޭ ދަންވަރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއެއްގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވި މައްސަލައިގައި ބަޔަކު ސަސްޕެންޑު ކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ނިންމައިފިއެވެ.

މިހާދިސާ އާއި ގުޅިގެން އެމްޕީއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ވަނީ މިއަދު ތަހުޤީގް ފަށައިފައި ކަމަށާއި ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ނިންމައިފައިވާ ކަމަށެވެ.

"މި ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ މި ކުންފުނީގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ވަނީ މިއަދު ނިންމައިފަ އެވެ." އެމްޕީއެލްގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންކަމަށް މައުލޫމާތު ލިބެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިދިޔަމަހުގެ ހަތްވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ