ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ހިންގަވާފައިވާ ޤައިރު ޤާނޫނީ ޢަމަލުތައް، މި ސަރުކާރު ނިމި، ޤާނޫނީ ޙުކޫމަތު އަލުން އިޔާދަވުމާއެކު، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅާނެކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޯލިޝަނުން މިހެން ވިދާޅުވެފައި މި ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހީމަށް މިއަދު ފުލުހުންގެ ފަރާތުން ރަހުމުކުޑަ އަނިޔާތަކެއް ލިބިފައިވާކަމަށް ބުނެ އެކަން ކުއްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޝަހީދުއަށް ދިން އަނިޔާތަކަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤްކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ލާއިންސާނީ އަމަލުތަކެެއްކަމަށެވެ.
ޝަހީދުއަށް ދިން އަނިޔާ އިދިކޮޅުން ސިފަ ކުރައްވާފައި ވަނީ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ތަމަޅަ ޓައިގަރުންގެ ކޭމްޕްތަކުން އުނގެނުނު އަނިޔާގެ އުކުޅުތަކުގައި ހިމެނޭނެ ފަދަ ރަހުމުކުޑަ އަމަލެއްގެ ގޮތުގައެވެ.
އިދިކޮޅުން ވިދާޅުވީ ޞުލްޙަވެރިކަމާއެކު ޚިޔާލުފާޅުކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޤާނޫނީ ޙައްޤަކަށް ވީހިނދު، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، އެމްސީ ޙަމީދު ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް، މި އަނިޔާވެރި ސަރުކާރު ނިމި، ޤާނޫނީ ޙުކޫމަތު އަލުން އިޔާދަވުމާއެކު، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށެވެ.
މީގެ އިތުރުން އެފަދަ ޢަމަލުތައް ހިންގަން މަޖުބޫރުކުރުވިއަސް، އެކަމަށް ޢާންމު ފުލުހުން ބޯނުލެނބުމަށާއި، ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާވުމަކީ އޭގެ ސަބަބުން ފަހުން އަދަބު ލިބޭނެކަމެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިދިކޮޅުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ޝަހީދު އިބްރާހީމާއެކު މިއަދު ހައްޔަރުކުރެވުނު އެންމެހާ ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް އަނިޔާކޮށްގެން ވެރިކަމުގައި ދެމިހުރެވޭނެކަމަށް ހީވާނަމަ، މީގެ ބަރާބަރު ނުވަ
އަހަރު ކުރިން ކަންވެގެންދިޔަ ގޮތުގެ ހަނދާން އާކޮށްލުން ބުއްދިވެރިކަމުގައިވެސް އެކޯލިޝަނުން ވިދާޅުވެފައިވެއެވެ.
އެކޯލިޝަނުން ވިދާޅުވީ އާޚިރުގައި ގޮތް ނިންމާނީ ރައްޔިތުންކަމާށާއި އަދި އިންސާފުއަރާ ހަމަކުރާނެކަމަށެވެ.
ހިޔާލު
ކާމިނީ ވެސް ކުރީ އެއްކަމެއް ކެނެރީ ވެސް ކުރަނީ އެކަން……….ދެބައި މީހުން ވެސް ފެއިލް.
* ދެން ބޭނުމީ ތިންވަނަ ފިކުރެއް.ﷲ ގެ ވާގިފުޅާ އެކު އެފިކުރު ވަރަށް އަވަހަށް ދިވެހިންނަށް ލިބި ދެއްވާށި.آمین