ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ. ސީޕީ ހަމީދު ވެކްސިން ޖެއްސެވުމަށްފަހު އެކަން މިއަދުވަނީ ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖޭގައި ދެމުންގެންދާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް، މިއަދު ސީޕީ ހަމީދު ޖައްސަވާފައިވާއިރު، ފްރަންޓްލައިންގައި ހަރަކާތްތެރިވަމުން ގެންދާ ބައެއް ފުލުހުންނަށްވެސް މިހާރުވަނީ ވެކްސިން ދީފައެވެ.
ވެކްސިން ޖައްސަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެކްސިން ޖެހިކަމުގައިވިޔަސް، އަދިވެސް ރައްކާތެރިކަމާއެކު އުޅެން ޖެހޭކަމުގައެވެ. އެގޮތުން، ގިނަގިނައިން އޮތްދޮވެ، މާސްކު އަޅާ، އިޖުތިމާޢީ ގައިދުރުކަމަށް ސަމާލުކަން ދެއްވަން ޖެހޭކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
Received the first shot of the COVISHIELD vaccine. #Covid19Dhifaau #AaUmmeedhu. We still need to #StaySafe #WashHands #MaskUp and stick to #SocialDistancing to #StopTheSpread pic.twitter.com/zdvHyZ7HWa
— Mohamed Hameed (@M_Hameedh) February 7, 2021
ރާއްޖޭގައި ވެކްސިން ދިނުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދަމުންދާއިރު، މާލެއާއި އަތޮޅުތަކުގައިވެސް ދަނީ ވެކްސިން ދެމުންނެވެ. މާލޭގައި ސިއްހީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، އެހެން ދާއިރާތަކުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ދަނީ ވެކްސިން ދެމުންނެވެ.
މިހާތަނަށް އަދި ރާއްޖޭގައި ދެމުންދަނީ ކޮވިޝީލްޑް ވެކްސިން އެކަންޏެވެ. އެހެންނަމަވެސް، ޗައިނާ އިންވެސް ރާއްޖެއަށް ވެކްސިން ހަދިޔާ ކުރާނެކަމަށް ބުނެފައިވާއިރު، ވެކްސިން ހޯދުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.