އުޞޫލާއި ޚިލާފަށް ނާސްތާދިން ފަރާތްތަކަށް ފިޔަވަޅު އަޅައިފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ދަށުން އުސޫލާއި ހިލާފަށް ނާސްތާ ދީފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓުރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި މިނިސްޓުރީން ބުނެފައިވަނީ، 213 ސްކޫލެއްގައި 57817 ދަރިވަރުންނަށް ނާސްތާދެވިފައިވާއިރު މަދު ކުލާސްރޫމްތަކެއްގައި ނާސްތާ ޕްރޮގުރާމްގެ އުސޫލާ ހިލާފަށް އަމަލުކޮށްފައި ވާކަމަށާއި މިކަން ކޮށްފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅިފައި ވާކަމަށެވެ.

"މަދު ކުލާސްރޫމް ތަކެއްގައި މިފަދަ އަމަލެއް ހިނގުމުން މާތް މަގުސަދެއްގައި ސަރުކާރުން ހިންގާ މިފަދަ ޕްރޮގުރާމްތަކަށް ބެލެނިވެރިންނާއި ރައްޔިތުންކުރާ އިތުބާރު ގެއްލެން މެދުވެރިވެއެވެ. އަދި މަދު މުވައްޒަފުންތަކެއް މިފަދަ ޢަމަލެއް ހިންގައިފައިވާތީ އެކަން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިފަދަ ނޫސްބަޔާނެއް ނެރެފައި މިވަނީ ސްކޫލެއްގައި ދަރިވަރުންތަކެއް ތަޅުންގަނޑުމަތީގައި ބައިތިއްބައިގެން، ގަނޑެއްގެ މަތީގައި ކާއެއްޗެހި އަތުރައިގެން ކާން ދީފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން ގޮސްފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް