ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ވަޙީދުގެ ދެކަނބަލުންވެސް ވެކްސިން ޖައްސަވައިފިއެވެ.
އެ ދެކަނބަލުން ވެކްސިން ޖަހާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާ އާންމުކުރައްވަމުން ރައީސް ވަޙީދު ވިދާޅުވީ، ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއެއްކަމަށާއި، މިބަލިމަޑުކަމުގެ އަސަރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެހާ ކަންކަމަށް އަސަރުކޮށްފައިވާކަމަށެވެ.
އަދި މިބަލިމަޑުކަމުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، ދިރިތިބީންގެ ފުރާނަ ސަލާމަތްކޮށް ދިރިއުޅުން އާންމު ޙާލަތަށް އަލުން ގެނައުމަށް ކޮވިޑް ވެކްސިން އެންމެހާ ރައްޔިތުންވެސް ޖެހުމަށް ބާރު އަޅާކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.
Today, @ilhammv & I received the #COVIDVaccination. #COVID19 is a global pandemic that has impacted all aspect of our lives and taken too many, too soon. To save lives & livelihoods, I encourage everyone to get vaccinated.@presidencymv @HPA_MV @sunjaysudhir pic.twitter.com/J08lgn0Alh
— Mohamed Waheed (@DrWaheedH) February 7, 2021
ރައީސް ވަޙީދުގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖައްސަވާފައި މިވަނީ އިދިކޮޅުގެ ގިނަ ފަރާތްތަކެއް ވެކްސިންއާއި ދެކޮޅަށް ޝުޢޫރުފާރުކުރަމުންދަނިކޮށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެކްސިން ޕްރޮގުރާމުގެ އެންމެފަހުގެ މައުލޫމާތު ދެމުން ރޭ ވިދާޅުވެފައިވަނީ އިއްޔެ މާލޭ އޭރިއާގައި 2،015 މީހުންނަށް އަދި އަތޮޅުތެރޭ ރައްތަކުގައި 560 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.
މިހާތަނަށް މުޅި ޖުމްލަ 6،854 މީހުންނަށް ކޮވިޑް ވެކްސިން ދީފައި ވެއެވެ. މީގެތެރެއިން މާލޭ އޭރިއާއިން ވެކްސިން ދިން މީހުންގެ އަދަދަކީ 5،588 އެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން މީހުންގެ އަދަދަކީ 1،266 އެވެ.




