ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރައީސް ވަހީދު "ސަން" އަށް މައުލޫމާދީފައިވާގޮތުގައި، އެމަނިކުފާނު ފުލުހަށް ހާޒިރުވާން އެންގީ އިދިކޮޅުން މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު މުޒާހަރާއާއި ގުޅިގެންނެވެ.
މި މުޒާހަރާގައި ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެމަނުނިކުފާނު ވަނީ މާސްކްނާޅުއްވައި ހުންނަވައި އެ މުޒާހަރާގައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގީ މިއަދު ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ގޮހެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ވަޑައިގަތުމަށް އެމަނިކުފާނަށް ފުލުހުން އެންގި ކަމަށް ވަހީދު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވާން ރައީސް ވަހީދު އަމިއްލަ ފުޅަށް ނިއްމެވީ މިއަދު 4:00 ގައި ވަޑައިގަތުމަށެވެ.
އިދިކޮޅު ކޯލީޝަނުން މާލޭގައި ބޭއްވި މިސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.



