ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އޭނާގެ އަންހެން އެކުވެރިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އާލިއާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގަ އެވެ. އާލިއާ ރާއްޖޭގައިި ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތަކާ ވީޑިއޯތައް އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.
އާލިއާ ރާއްޖެ އައީ އޭނާގެ ދައްތަ ޝާހީން ބަޓް އާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކަންޝާ ރަންޖަން އާއެކު އެވެ. ބަތަލާ އާލިއާ ވަނީ ދާދިފަހުން އޭނާގެ ލޯބިވެރިޔާ އެކްޓަރު ރަންބީރު ކަޕޫރާއެކު ދިއްލީ ގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ޗުއްޓީ އަށް ރާއްޖެ އަށް އައިސްފައި މި ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިންގައި ވެސް އުޅެމުންނެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާ އިރު މި މަސް ނިމުމުގެ ކުރިން އާލިއާ އޭގެ ދެ ލަވައެއް ވެސް ޝޫޓްކުރާނެ އެވެ.
"ގަންގްބާއީ" ގެ އިތުރުން އާލިއާ މި ވަގުތު މަސައްކަތްކުރަމުން އަންނަ ޕްރޮޖެކްޓަތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ. "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރުގެ "އާރްއާރްއާރް" އަކީ މި އަހަރުގެ އޮކްޓޯބަރު 13 ގައި ރިލީޒްކުރަން މިހާރު ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
އާލިއާ 2012 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ބުރައްމަސްތުރާ" އަކީ ލޯބިވެރިޔާ ރަންބީރް ކަޕޫރާ އެކު އާލިއާ ފެންނާނެ ފިލްމެކެވެ.
ރާއްޖެއަށް ޗުއްޓީ އައުމުގެ ކުރިން އާލިއާ އުޅުނީ އަވަދިނެތި މަސައްކަތުގަ އެވެ. މާ ބުރަކޮށް އުޅުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ދިމާވެ އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ވެސް ކުރަން ޖެހުނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރައްޓެހިންނާއެކު ރާއްޖެ އައިސްފައި މިވަނީ މަސައްކަތާ ދުރަށް ޖެހިލުމަށެވެ



