ހުއްދަ ނުނަގައި ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން އެ މިނިސްޓްރީން ހުއްދަ ހޯދައި، ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ހިންގޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކުރިމަތިލައި، ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާ ހަވާލުކުރެވި، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި، ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ.
އެހެން ކަމުން ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ޙަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ޙަރަކާތެއް ހިންގުމަކީ، ބުނެވިދިޔަ ޤާނޫނުތަކުގެ ދަށުން މަނާކަމެކަމަށާއި އެފްޑީއައި ޕޮލިސީއާއި ޚިލާފަށް ހިންގާ ވިޔަފާރިތައް، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ގެ 24 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ޙަވާލުކުރި ފަރާތާއިމެދުވެސް ފިޔަވަޅު އެޅޭނެކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ޢަމަލެއްކޮށްފިނަމަ، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް މުއްދަތެއް ދީ، އިޞްލާޙުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިންގާ ސަރުކާރުގެ މަޝްރޫޢޫތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާއި، ޕްރައިވެޓް ސެކްޓަރ މަޝްރޫޢުތަކަށް ކުރިމަތިލާ ބޭރުގެ ފަރާތްތަކަށް މަޝްރޫޢު އެވޯޑު ކުރުމުގެ ކުރިން، އެ ފަރާތަކުން، އެފަދަ މަޝްރޫޢުއެއް ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅައި ހޯދަންޖެހޭނެކަމަށެވެ.
ހުއްދަ ނުހޯދައި، އެކިއެކި މަޝްރޫޢޫތައް ނުވަތަ ވިޔަފާރި ހަރަކާތްތައް ހިންގުމަށް ކުރިމަތިލާ ފަރާތްތައް ބްލްކެލިސްޓުކުރުމަށްފަހު، އިކޮނޮމިކް މިނިސްޓްރީގެ ވެސްބައިޓުގައި ޝައިޢުކުރާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފޮރިން އިންވެސްޓަރުންގެ ތެރެއިން، ޞައްޙަ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތް ފޮރިން އިންވެސްޓަރުންގެ މަޢުލޫމާތުވެސް އެމިނިސްޓްރީން އާންމުކޮށްފައިވެއެވެ.