މިފެށޭ ރޯދަމަހު މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމު ކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފައިވާ އިޢުލާނެއްގައި ބުނީ، 01 އޭޕްރިލް 2021 އިން ފެށިގެން ރަމަޟާންމަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5.30 އިން މެންދަމު 12:00 އަށްކަމަށާއި، އަދި 1 ރަމަޟާން އިން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށެވެ.
މީގެއިތުރުން 01 އޭޕްރިލް 2021 އިން ރަމަޟާންމަސް ފެށެންދެން، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުކަމަށާއި، އަދި، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.
އަދި މިގޮތަށް ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ.