މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ކޮށްފައިވާ އިޢުލާނެެއްގައި ބުނީ، ޤާނޫނު ނަންބަރު 96/1 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) 28 ފެބްރުއަރީ 2021 ގައި އުވި، ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފަށާފައިވާތީ، އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފައިވާކަމަށެވެ.
އެގޮތުން އާދައިގެ ހަނޑޫ ކިލޯއެއް 4.80 ރުފިޔާއަށް، އާދައިގެ ހުދު ހަކުރު ކިލޯއެއް 4.82 ރުފިޔާ އަދި އާދައިގެ ފުށް ކިލޯއެއް 3.80 ރުފިޔާއަށް ވިއްކޭގޮތަށް އަގު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
އެހެންނަމަވެސް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) މިއަގިތަކަށް ބަދަލުގެނެވޭނެކަމަށް އެމިނިސްޓްރީން ބުނެފައިވާއިރު، ރާއްޖޭގެ އެންމެ އުތުރު ހިމެނޭ ޒޯންގައި ކާޑުގެ ބާވަތްތަކުން ކިލޯއަކަށް 1.02 ރުފިޔާ، މެދުރާއްޖެ ތެރެ ހިމެނޭ ޒޯންގައި ނަަމަ 82 ލާރި އަދި އެންމެ ދެކުނު ހިމެނޭ ޒޯންގައި ނަމަ 1.21 ރުފިޔާ އިތުރަށް ޗާޖު ކުރެވިދާނެކަމަށްވެސް މިއިޢުލާނުގައި ވެއެވެ.
މީގެއިތުރުން މިއިޢުލާނުގައި ބުނެފައިވަނީ ބަޔާންކޮށްފައިވާ ކޮންޓްރޯލް އަގައްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތެއް ޤާނޫނު ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަމަށެވެ.



