ފާއިތުވި ދެ މަސް ދުވަހު ކަރަންޓް ބިލް ބޮޑުވެފައިވަނީ ހޫނު މޫސުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ކަމަށް ސަރުކާރު ގެ ހަކަތަ ކުންފުނި ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިކަން ހާމަކުރެއްވީ މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ފާތުވެދިޔަ ދުވަސްވަރަކީ ހޫނުމޫސުން އާދަޔާ ހިލާފަށް ދިގުދެމިގެން ދިޔަ ދުވަސްވަރެއް ކަމުން ގޭގައި ގެންގުޅޭ ކަރަންޓު ސާމާނު އިތުރަށް ބޭނުންކުރެވޭ ކަމަށެވެ.
"ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރީލް އަދި މޭ މި ތިންމަހަކީ އަބަދުވެސް ހޫނު ގަދަ ތިން މަސް، އެހެންކަމުން ކަރަންޓް ބިލްތައް ބޮޑުވަނީ، މިސާލަކަށް އޭސީ ބޭނުންކުރާ މިންވަރު މިމަސްތަކުގައި އިތުރުނުވި ނަމަވެސް ހޫނު ގަދަވުމުން އޭސީގެ ކޮމްޕްރެސަރު މަސައްކަތްކުރާ ވަގުތު އިތުރުވެގެންދޭ. އަޅުގަނޑުމެން ޔަޤީންކަން ދެން، ބިލްތަކުގަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް" ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ ކަރަންޓު ބޭނުންކުރެވޭ ވަރު ރައްޔިތުންނަށް އަންދާޒާނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ނޭނގި ނަމަވެސް ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
"ރޯދަމަހާ ހޫނުމޫސުމާ އެއްކޮށް ބައްދަލުވީމަ ކަރަންޓް ބޮޑުވުމުގެ ސަބަބަކަށް ބެލެވެނީ. ބިލު ކުރަނީ މީޓަރުތަކަށް ބަލައިގެން. ސްޓެލްކޯއިން ބަހައްޓާފައިވާ މީޓަރުތަކަކީ ޓެމްޕާ ޕްރޫފް އެއްޗެއް،" ނާޝިދު ވިދާޅުވި އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސަލީމް ވިދާޅުވީ، ޔުނިޓް ބޭންޑް ތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެކި ޔުނިޓް ބޭންޑްތަކަށް ޗާޖް ކުރަނީ އެކި އަދަދު ކަމަށެވެ. އަދިޔުނިޓް ބޭންޑް މަތިވާ ވަރަކަށް ޔުނިޓަކަށް ޗާޖްކުރާ ވަރު މަތިވެގެންދާ ކަމަށާއި، އެހެންވުމުގެ ސަބަބުން ބިލްތައް ބޮޑުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޞޯލިޙްގެ ރިޔާސީ ވައުދު ފުއްދައި އަގު ހެޔޮ ކޮށްފައިވާ ކަރަންޓް ބިލްތައް ފުރަތަމަ ފަހަރަށް މިމަހު އާއްމުންގެ ގެތަކަށް ލިބުނު އިރު، ކުރީ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބިލް ބޮޑު ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.



