ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲގެ ފްލެޓް ކައިރިން ފެނުނު ވަޅިއަކީ މުހިންމު ހެތްކެއްކަމަށް މަރުކޮމިޝަނުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ، އެ ވަޅި މިހާރު ރާއްޖެއިން ބެރަށް ފޮނުވައިގެން ފޮރެންސިކް ތަހުގީގެއް ހަދަމުން އަންނަކަމަށެވެ. މި ވަޅިއާއި ގުޅޭ މައުލޫމާތު ދޭ ފަރާތަކަށް ބައި މިލިއަން ރުފިޔާގެ އިނާމެއް ވެސް މަރުކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.
"އެ ތަހުގީގުތަކުގެ އަލީގައި ވަޅިއަކީ ކޮމިޝަނުން ތަހުގީގުކުރާ ރިލްވާންގެ މައްސަލައިގައި މުހިއްމު ހެއްކަކަށް ވަނީ ވެފައި،" މިސްބާހު ވިދާޅުވިއެވެ.
މަރު ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވަޅިއަކީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ވަނަ ފްލެޓު ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެވެ. މިމައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ދީފައިވެއެވެ.
ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަނީ ކަނޑުމަތީ މަރާލާފައެވެ. އަދި ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެއެވެ.




