ރިލްވާން

ރިޟްވާނަށް ވީގޮތް ހޯދަން އަންނަ މަހު މާހިރަކު ހޯދޭނެ: ކޮމިޝަން

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް އަންނަ މަހުގެ އައްޔަންކުރާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ވިދާޅުވެފައި މިވަނީ، މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު މި ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާއި ގުޅިގެން، ކުރިއަށްއޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ސޯލިހުގެ އަރިހުން އެ މައްސަލާގައި ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމަށް ރިލްވާންގެ އާއިލާއިން އެދިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު ރައީސް ސޯލިހަށް ފޮނުވި ސިޓީއެއްގައެވެ.

މަރު ކޮމިޝަނުން މިފަދައިން ބުނެފައިވާއިރު ރިލްވާން ގެއްލުނުތާ މިއަދަށް 6 އަހަރު ވެފައިވުމާއި ގުޅިގެން ޓްވީޓާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިއްސާ ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

"ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރިޟްވާންގެ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ އިތުބާރުކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަޙްޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

ރިލްވާން ގެއްލުނުތާ 6 އަހަރު ފުރުމާއި ދިމާކޮށް ރާއްޖެ ޓީވީ އިން ގެނެސްދީފައިވާ ރިލްވާންގެ އާއިލާގެ ޚާއްސަ އިންޓަރވިއުގައި ރިލްވާންގެ ތިއްތަ ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އުޅުނީ ވަރަށް ހިތްދަތިކަންމަތީގައިކަމަށާއި، ރިލްވާންއަށް އިންސާފު ހޯދުމަށް ނުދާ މުއައްސަސާއެއް ނުދާ ވެރިއެއް ނުހުންނާނެކަމަށެވެ.

އާއިލާއިން ބުނެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފެއް ނުލިބި މިހާލަސްވެގެން މި ދަނީ މުއައްސަސާތައް ފެއިލްވެފައިވާތީކަމަށާއި އެގޮތުން ޚާއްސަކޮށް ފުލުހުންގެ މުއައްސަސާ އާއިލާ އިން ވަނީ ފާހަގަ ކޮށްފައެވެ. އާއިލާ އިން ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާއަކަށް އިތުބާރު ނުކުރާ ކަމަށާއި، އެ މުއައްސަސާގައި ރިލްވާންއަށް ފާރަލީ މީހުން އަދިވެސް ވަޒީފާގައި އުޅެމުންދާކަމަށެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި ރިލްވާން ވަނީ ކަނޑުމަތީ މަރާލާފައެވެ. މިކަމާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ އެވާހަކަތައް އަޑު އިވުމުން ލިބުނީ ޝޮކެއް ކަމަށާއި، ރިލްވާން މަރުވި ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މަރު ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ