ފައިސާ ދައްކާފައިވާކަން ތާރޑް ޕާޓީ ވެބްސައިޓްތައް މެދުވެރިކޮށް ކަށަވަރުނުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އެދިއްޖެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށާއި، އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެެހެން އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އެދޭ ކަމަށެވެ.
"www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރޭ. މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭ. އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެން. ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެ." ބީއެމްއެލްއިން ވިދާޅުވިއެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާއަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއް ކަން ކަމަށާއި، އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް އަޅާފައިވާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
"ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރޭ." ބީއެމްއެލްއިން ވިދާޅުވިއެވެ.
ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސްއިން އިން ދެއްވައެވެ.
								
											

