އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޖަލަށް ލުމަށްފަހު ކުރީގެރައީސް އަބްދުﷲ ޔާމިން ޢަބްދުއްޤައްޔޫމް ޖަލުން މިނިވަން ކޮށްދިނުމަށް އެބޭފުޅާ އެދިލައްވައިފިއެވެ.
އަބްދުއްރަޙީމް މިގޮތަށް އެދިލައްވާފައި މިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ރާއްޖޭ ދޫކޮށް ދިޔަ މައްސަލައާއި ގުޅިގެންނެވެ. އެގޮތުން ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތު ތަކެއްގައި ދަޢުވާ ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މަލޭގައި "ކޮބާ މަގޭ ފްލެޓް" ނަމުގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވަނީ އަލީ ވަހީދު ދޫކޮށްލީ އަޑުބަރޭ ޒިންމާ ނަގާގޮތަށް ކަމަށް ވާނަމަ އަޅުގަނޑު ގެންގޮސް ފަސް އަހަރު ދުވަހު ޖަލުގައި ބާއްވާފައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައިފައެވެ.
އަބްދުއްރަޙީމް ވިދާޅުވީ އެބޭފުޅާ މިހުރީ މި ގައުމުގެ ހައްގުގައި ރައީސް ޔާމީން ދޫކޮށްލުމަށްޓަކައި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަން ތައްޔާރަށް ކަމަށެވެ.
"އަލީ ވަހީދު ދޫކޮށްލީ އަޑުބަރޭ ޒިންމާ ނަގާގޮތަށް ކަމަށް ވަންޏާ، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ގެންގޮސް ފަސް އަހަރު ދުވަހު ޖަލުގައި ބާއްވާފައި ރައީސް ޔާމީން ދޫކޮށްލާށޭ" ޢަބްދުއްރަޙީމް ވިދާޅުވިއެެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކޮށްފައި ވަނީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި މައްސަލާގައެވެ.
މި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާވެސް ކޮށްފައެވެ.



