ވެރިކަމުގައި ހުންނެވިއިރަށްވުރެ ރައީސް ޔާމީނަށް އޮތް ތާޢީދު މިހާރު ބޮޑު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލަވުމުގައެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ކުރިޔަށް އޮތް ތަނުގައި މިވަގުތު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކުރިޔަށް އިތްތަނުގައި ސިޔާސީ މައިދާނުން ޖާގަ ނުލިބޭނެތީ ކަމަށާއި، ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރަށްވުރެ މިހާރު، ރައީސް ޔާމީނަށް އޮތް ތާޢީދު ބޮޑު ވަމުންދާތީ ކަމަށެވެ.
އަދުރޭ ވިދާޅުވީ މިސަރުކާރަށް ވެރިކަމަށް އައިސް ތަރައްޤީއެއް ނުކުރެވި، ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ނުދެވި، އިންސާފާއި ހަމަޖެހުން ޤާއިމުކޮށް ނުދެވި ދާތީވެ ސަރުކާރަށް އޮތް ތާޢީދު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ދުވަހެއް ދުވަހަކަށް މިސަރުކާރަށް ބޮޑުވަމުންދާއިރު ރައީސް ޔާމީނަށް އޮތް ލޯބި ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ މައިދާނުން ޔާމީން ގެއްލުވާލަން ކަމަށާއި ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަ ރައީސް ޔާމީން ސަލާމަތުން ހުރިއްޔާ މާބަރަށް ދައްކަވާނެތީ ކަމަށެވެ.
އަދި ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން ސަރުކާރުން ކުރާ މަސައްކަތަށް ޔާމީން ޖާގަ ނުދެއްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. ރާއްޖެ އަޅުވެތިކަން ކުރަން މިސަރުކާރުން ކުރައްވާ މަސައްކަތަށް ޔާމީން ދެކޮޅު ހައްދަވާނެތީ ޖަލަށް ލެއްވީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.



