އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރުމުގެ ގާބިލުކަމެއް ރައީސް ޞޯލިޙުގެ ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ދެންމެ މީޑިއާތަކާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ބައްދަލުކުރަން ސިޓީ އަކުން އެދިގެން އުޅޭތާ 1 މަހާއި 12 ދުވަސް ވެއްޖެ ކަމަށާއި އަދިވެސް އެސިޓީ އަށް ޖަވާބުވެސް ނުލިބޭ ކަމަށާއި ބައްދަލުވެސް ނުވާކަމަށެވެ.
ޕޮލިސް ކޮމިޝަނަރާއިވެސް ބައްދަލުވެފައި ނުވާ ކަމަށާއި ނަމަވެސް މާދަމާ 13:00 ޖަހާއިރު ހޯމް މިނިސްޓަރާއި ބައްދަލުވާނެ ކަމަށް ދަންނަވާފައި ވާކަމަށް އަދުރޭ ވިދާޅުވިއެވެ.
"މީގެން މިއިނގެނީ މިސަރުކާރަކީ އިދިކޮޅު، ނުވަތަ ވާދަވެރި ސިޔާސީ ފަރާތްތަކާއި ބައްދަލުކުރަން ވަރަށް ޖެހިލުންވާ ސަރުކާރެއްކަން. އެ ޤާބިލުކަން، އެ ކެޕޭސިޓީ ރައީސް ޞޯލިޙުގެ ނެތްކަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ މަލްޓިޕާޓީ ނިޒާމުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސްޢޫލިއްޔަތު ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ހަވާލު ކޮށްފައިވާ ފަރާތް ކަމަށެވެ. އަދި އިދިކޮޅު ފަރާތް ތަކަކަކީ ޤައުމެއްގެ ނިސްބަތުން ސަރުކާރެކޭ އެއްވަރުގެ ހައިބަތު ހުރި ނުވަތަ ޤާނޫނީ ބުރަދަން ހުރި ފަރާތެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ހައްޤު ކަށަވަރު ވަންދެން އެމަސައްކަތް ކުރައްވާނެ ކަމަށާއި އަދި ސަރުކާރުގައި އޮންނައިރު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރުމުގެ ޤާބިލުކަން ޕީޕީއެމް، ޕީއެންސީގައި ހުންނާނެ ކަމަށެވެ.
ރައްޔިތުން ދެން ނިކުންނާނީ ރައްޔިތުން ދިން ބާރު، ރައްޔިތުން އަތަށް ގެންނަން ކަމަށާއި، ނިކުންނައިރު ރައީސް ޔާމީން މިނިވަން ކުރަން ރައްޔިތުން ބޭނުންވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.




