މިދިޔަމަހު ޖަލަށްލީ މީހުންގެ %61 މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި

މިދިޔަމަހު ޖަލަށްލީ މީހުންގެ 61 އިންސައްތަ މީހުން ޖަލަށްލައިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މިއަދު އާންމުކުރި މިދިޔަމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ތެރޭގައި ޖުމްލަ 50 މީހުން ޖަލަށް ލައިފައި ވެއެވެ.

އެންމެ ގިނަ މީހުން މިދިޔަމަހު ޖަލަށް ލައިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. އެއީ 61 އިންސައްތަ މީހުންނެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ލައިފައިވަނީ ލޫޓުވުމާ ވައްކަމުގެ މައްސަލަތަކުގައެވެ. އެއީ ޖަލަށްލީ މީހުންގެ 8.3 އިންސައްތަ މީހުންނެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން ޖަލަށްލައިފައިވަނީ ކުޑަކުދިންނާއިމެދު ޖިންސީ އަމަލުތައް ހިނގުމުގެ ކުށުގައެވެ. މިގޮތުން 5.5 އިންސައްތަ މީހުން މިފަދަ މައްސަލަތަކުގައި ޖަލަށް ލައިފައި ވެއެވެ.

މިދިޔަމަހު މުޅި ޖުމްލަ 73 މީހުން ޖަލުން މިނިވަން ވެފައިވާއިރު މީގެތެރެއިން 20 މީހުންނަކީ އެމީހުންނަށް އިއްވައިފައިވާ ޖަލުހުކުމް އެއްކޮށް ފުރިހަމަކޮށްގެން މިނިވަންވި މީހުންނެވެ. މީގެއިތުރުން ކޯޓުއަމުރުގެ ދަށުންވެސް 20 މީހުން މިނިވަން ކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ