މާލޭ ވިޔަފާރި ބަނދަރުގައި މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28އ، އަށް އެހީ ހޯދުމުގެގޮތުން ކުރި މަސައްކަތުގައި ނޮޅިވަރަމަކީ އެއްބައެއްވަންތަކަން އޮތް ރަށެއްކަން ސާބިތުކޮށްދީފިއެވެ.
ޢިމްރާނަށް އެހީހޯދުމުގެ ގޮތުން ފާހަގަކުރި މަސައްކަތު ދުވަހުގެ ހަރަކާތަށް އެކަނި -/193121 (އެއްލައްކަ ނުވަދިހަތިންހާސް އެއްސަތޭކަ އެކާވީސް) ދިވެހި ރުފިޔާ އަދި -/2670 (ދެހާސް ހަސަތޭކަ ހަތްދިހަ) އެމެރިކާ ޑޮލަރު ލިބިފައެވެ. މިއީ މިއަދު ބާޒާރު ރޭޓުން ބަލާނަމަ، ދެލައްކަ ސާޅީސް ހާހަށް ވުރެ ބޮޑު އަދަދެކެވެ.

މީގެ އިތުރުން، މާލޭގައި ހިންގި ހަރަކާތްތަކުން -/23000 ދިވެހި ރުފިޔާވަނީ ހޯދާފައެވެ. މިހުރިހާ ފައިސާއެއް މިހާރުވަނީ ޢިމްރާނަށް ހަވާލުކޮށްފައެވެ. މީގެ އިތުރުން މަސައްކަތު ދުވަހު ނޮޅިވަރަމުގެ ހަތަރު ތަނެއްގައި ބެހެއްޓި ފަންޑުފޮށިތައް އަދިވެސް އެބަހުއްޓެވެ. މި ފޮށިތައް ކެނޑުން އޮތީ އަދި ހަފްތާއެއް ފަހުންނެވެ. އެއީ އަދިވެސް އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައި ބޭއްވުމުގެ ގޮތުންތަކަށް މައުލޫމާތުދީފައި ވެއެވެ.
ޢިމްރާނު މިހާރުވަނީ، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ޢިމްރާން އިންޑިއާއަށް ފުރީ މިއަދު ހެނދުނެވެ.

ނޮޅިވަރަމަކީ، 2747 މީހުންގެ އާބާދީއެކެވެ. 500 ގޭބިސީގައި މީހުން ދިރިއުޅެއެވެ. އާމްދަނީ ހޯދުމަށްޓަކައި ދަނޑުވެރިކަމުގައި އަދި ރިސޯޓުތަކުގައި ގިނަ ބަޔަކު އުޅެމުންދާ ރަށެކެވެ. މި ހަރަކާތުގައި ނޮޅިވަރަމުގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ. މީގެ ކުރިންވެސް ނޮޅިވަރަމުގެ ރައްޔިތުންވަނީ އެއީ އެއްބައެއްކަން އެތައް ފަހަރެއްގެ މަތިން ސާބިތުކޮށްދީފައެވެ. އެއީ ކުޅިވަރުގައި ކަމުގައިވިޔަސް، ތައުލީމަށް ކަމުގައިވިޔަސް، އަދި މިފަދަ އުޚުއްވަތްތެރިކަން ދައްކައިދޭންޖެހޭ ހާލަތްތަކުގައި ވިޔަސްމެއެވެ.



