އއ. ރަސްދޫއިން ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރަސްދޫ ކައުންސިލްގެ ރައީސް ޢަބްދުލްޖަމީލް މޫސާ މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެފަތުރވެރިންނަކީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަންވެގެން ޓެސްޓްކުރި ދެ ފަތުރުވެރިނެވެ. އެދެމީހުންގެ ސާމްޕަލް ނަގާފައި ވަނީ އިއްޔެއެވެ. ނަމަވެސް ރިޒާލްޓް ލިބިފައި ވަނީ މިއަދުއެވެ.
އެ ދެ ފަތުރުވެރިންނަކީ ރާއްޖޭގެ ރިސޯޓަކުން އެރަށަށް ޗުއްޓީ ހޭދަކުރުމަށް އައިސް ތިބި ފަތުރުވެރިންނެވެ. އެ ދެމީހުންވެސް ރަސްދޫގައި ވަނީ ދެ ނައިޓް މަޑުކޮށްފައެވެ.
ޢަބްދުލްޖަމީލް މޫސާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި ދެ ފަތުރުވެރިންނަކީ އެކުގައި އުޅުނު ދެ ފަތުރުވެރިންކަމަށާއި އެއީ ފިލިޕީންސް އާއި ޕާކިސްތާނުގެ ދެ ފިރިހެނުންކަމަށެވެ.
މި ދެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ އެރަށުގައި ކުރިޔަށް ގެންގޮސްފައެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި21 މީހެއް ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރެއިން19 މީހަކު ވަނީ ސާމްޕަލް ނަގާފައެވެ. އަދި17 މީހަކު ހޯމް ކަރަންޓީން ކުރެވިފައިވާކަމުގައި ރަސްދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ރަސްދޫއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.