މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގުޅިގެން “ފަނާރު-ޢިލްމުގެ އަލީގައި އަމާން އައްސޭރިއަކަށް” ގެ ނަމުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އިއްޔެ ފަށަފިއެވެ.
މި ޕްރޮގްރާމް ގައި 45 އަންހެން ޤައިދީން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަޤްޞަދަކީ އިސްލާމް ދީނުގެ އަސާސްތަކުގެ އަލީގައި ޤައިދީންނަށް އިސްލާމީ ޘަޤާފަތުގެ މުހިއްމު ޢުންޞުރުތައް އުނގަންނައިދީ ބޭނުންތެރި ބައެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ.
މިފަދަ ޕްރޮގްރާމެއް މާފުށީ ޖަލުގައި އަންހެން ޤައިދީންނަށްޓަކައި ހިންގިފައިވާއިރު، ޤައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޤައިދީންނަށް ޖަލުގައި ތަފާތު އެކިކަހަލަ ރޮނގު ރޮނގުން ޕްރޮގްރާމްތައް ހިންގެމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިދިޔަ މަހުގެ ކުރީކޮޅުވެސް ”އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ އޮރިއެންޓޭޝަން” ކޯހުގެ ނަމުގައި އަންހެން ޤައިދީންނަށް ޚާއްސަ ކޯހެއްވަނީ ފަށާފައެވެ. އެކޯހުގެ އެއްވަނަ ބެޗުގައި ޖުމްލަ 18 އަންހެން ޤައިދީންނާއި ދެ އަންހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ޚަބަރާއި ފޮޓޯ: ޕްރިސަންސްސްޓޯރީ



