ހަރުކަށި ފިޔަވަޅާއެކު މާލެ ސަރަޙައްދުގެ ކާފިއު އިތުރު ދެ ހަފްތާއަށް އިތުރުކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އެޗްޕީއޭއަށް ލިބިދޭ ބާރުގެ ދަށުން، 2021 ފެބުރުވަރީ 2 ވީ އަންގާރަ ދުވަހު އަންގައިފައިވާ ނަންބަރު 2021/2 އެންގުމުގެ ދަށުން 14 (ސާދަ) ދުވަހުގެ މުއްދަތަށް އަޅައިފައިވާ ފިޔަވަޅުތައް، 2021 ފެބުރުވަރީ 17 ވަނަ ދުވަހުން ފެށިގެން، އިތުރު 14 (ސާދަ) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައިފައިވާކަމަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ވެރިރަށް މާލޭގައި ކާފިއު ހިންގަމުންދާއިރު، 10 މީހުންނަށްވުރެ ގިނަ މީހުން މާލެ ސަރަހައްްދުގައި އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އަދި އެ ސަރަހައްދުގައި ރޭގަނޑު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފައިވާއިރު، ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށްވެސްވަނީ އަންގާފައެވެ.
މިހެން ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑް-19 ރާއްޖޭގައި ހާއްސަކޮށް މާލޭ ސަރަހައްދުގައި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާ ރާޅު ކަމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވަނީ ވިދާޅުވެފައެވެ



